ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅުތަކުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާ ކަމެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފިނޭއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. ޚިދުމަތް ފެށްޓެވުމުގެ ރަމްޒީ ގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މިކަމުގެ ހަނދާނުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.
ފިނޭގައި ޤާއިމްކޮށްފައިވާ މި ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބޭނެ ކަމަށް އެ ބޭންކުން ހާމަކުރައްވައެވެ.
ސަރުކާރާއި ބީއެމްއެލް ގުޅިގެން މި މަސައްކަތް ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކަމަށް ބީއެމްއެލްއިން ވަނީ ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް އަންނާނެކަމަށް އުއްމީދުކުރެވެއެވެ.





