ބ. ކަމަދޫ ސްކޫލުގައި އަޅަން ހަމަޖެހިފައިވާ ދެ ކްލާސްރޫމް އެޅުމުގެ މަސައްކަތް، ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގާ ސަރުކާރު ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ، ބ. އަތޮޅަށް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލެވެ.
ކަމަދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް އެފްޑީސީއާ ހަވާލުކުރީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެއްގެ ގޮތުގައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ މައިގަނޑު ގޮތެއްގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ސަރުކާރު ކުންފުންޏެކެވެ. މީގެ ކުރިން، ސްކޫލުތަކުގެ ކްލާސްރޫމް އެޅުމާއި މަރާމާތުކުރުންފަދަ މަސައްކަތްތައް އާންމުކޮށް ކޮންޓްރެކްޓުކުރަނީ އަމިއްލަ ކުންފުނިތަކާއެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިފަދަ ބައެއް މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާއި އަސްކަރީ މީހުންނާ ހަވާލުކޮށްފައެވެ.
މިފަދަ މަސައްކަތެއް އެފްޑީސީއަށް ހަވާލުކުރިއިރު، މަގު ހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ވަނީ ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އެޕްރީލް މަހު ހަވާލުކޮށްފައެެވެ. ހަމައެއާއެކު ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރުމުގައި ސިފައިންގެ އެހީތެރިކަން ވެސް ސަރުކާރުން ހޯދައެވެ.





