އދގެ ޢާންމު މަޖިލީހުން، ވިލާތުގެ ބާރުތަކުގެ ތާއީދާއެކު، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހުށަހަޅާފައިވާ ޤަރާރަށް ތާއީދުކޮށްފިއެވެ.
މި ނިންމުން މިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ.
މި ޤަރާރަށް ތާއީދުކޮށް އދގެ މެންބަރު 142 ޤައުމުން ވަނީ ވޯޓު ދީފައެވެ. މި ޤައުމުތަކުގެ ތެރޭގައި ވިލާތުގެ ބާރުތަކުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، ޖަރުމަންވިލާތް ހިމެނެއެވެ. ޤަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ ޔަހޫދީ ދައުލަތް (އިޒްރޭލު) އަދި އެމެރިކާ ހިމެނޭހެން 10 ޤައުމުންނެވެ. އަދި 12 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދީފައެވެ.
މި ޤަރާރު އދގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވަނީ ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއިން ”ފަލަސްޠީނުގެ މައްސަލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު“ ގެ ނަމުގައެވެ. މި ޤަރާރުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބައިވެރިވުމެއް ނެތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމެވެ. ހުށަހެޅިފައިވާ ގޮތުން، ޙަމާސްއިން ބާރު ދޫކޮށްލައި ހަތިޔާރު ބަހައްޓައި، ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދޭން ޖެހެއެވެ.
މި ޤަރާރަށް ޢަރަބި ލީގުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި އދގެ މެންބަރު 17 ޤައުމަކުން ވަނީ އެ ޤަރާރުގައި ސޮއިކޮށްފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ނިއު ޔޯކުގައި ބޭއްވޭ އދގެ ޢާންމު ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ.
މީގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.





