ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ސޯޝަލްމީޑިއާ ބަންދުކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ބިލާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ވިދާޅުވީ މީޑިއާ ބިލުގެ މަގުސަދަކީ ފޭސްބުކާއި، ޓިކްޓޮކާއި، އެކްސް ފަދަ ސޯޝަލްމީޑިއާ އެކައުންޓްތައް ރެގިއުލޭޓް ކުރުން ކަމަށާއި، މި ބިލު މަޖިލީހުން ފާސްވިޔަސް، ސޯޝަލްމީޑިއާ ބަންދުވާގޮތަކަށް ބިލުގައި ނެތް ކަމަށެވެ. އެކަން ފާހަގަކުރައްވައި ފަލާހު ވަނީ ޒުވާނުންނާއި، ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރުމަށް ގޮވައިލައްވައިފައެވެ.
ފަލާހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޒުވާނުންނަށާއި، ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެ ފަދަ، މުޅި މުސްތަގުބަލު އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ކަމުގެ %100 ޔަގީންކަން އޮތް ހެޔޮލަފާ ވެރިއެއް ކަމަށެވެ.
އެމްޑީޕީއަކީ ލެޕްޓޮޕަކާއި ފަޅުރަށަކުން މުޅި ގައުމު ހިންގޭނެކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ދޮގާއި މަކަރުން ބަދަލުކުރި ބަޔެއް ކަމަށާއި، ޒަމާންތަކެއް މާޒީވިޔަސް، މިފަދަ ހަނދާންތައް އާކުރުމަކީ ވަރަށް ބޭނުންތެރި މުހިއްމުކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ބައްޓަންކޮށް ކުރިއަށް ގެންދަން ޕްލޭންކޮށްފައިވަނީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށެވެ.
ސަބަބަކީ އެމްޑީޕީއާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް، ރައީސް މުޢިއްޒު މި ގައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްގީއާއި ތަހުޒީބު ގެނެސްދެއްވައި މި ގައުމުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތިކަންމަތީ ދިރިއުޅޭތަން ފެނުން ކަމަށެވެ.
ވީމާ މީ އެމްޑީޕީއަށް ބަލަން ފަސޭހަ ކަމަކަށްނުވާތީ މި ސަކަރާތްގަނޑު މިހިންގަނީ.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މުޒާހަރާ ކުރަން އުޅެނީ، މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަން ފަށައިފިކަން އެނގުނު ހިސާބުން ކަމަށެވެ.
ޒުވާނުންނަކީ މި ގައުމުގެ މުސްތަގުބަލު ކަމަށާއި، ކިޔަވައިގެން ތިބި ވިސްނުންތެރި ޒުވާން ޖީލެއްކަން ފާހަގަކުރައްވައި ފަލާހު ވަނީ ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ނުޖެހޭނެކަން ޔަގީން ކުރައްވައިފައެވެ.





