ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހަޅާފައިވާނީ މީޑިއާއާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭފަދަ ގޮތަކަށް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ސޯޝަލްމީޑިއާގައި އާންމު ފަރާތަކުން ފާޅުކުރި ޚިޔާލަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރައްވާތީ، މި ބިލު ދިރާސާ ކުރެއްވުމަށްފަހު ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން ބިލުގައި މާނަ ދޭހަނުވާ ގޮތަށް ހުރި ކަންކަން މާނަ ދޭހަވާ ގޮތަށް، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ތިލަކޮށްދީފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭގެތެރޭގައި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފުސީލުކޮށް ހިމަނުއްވާފައިވާ ކަމަށާއި، ސަރުކާރުގެ މަގުސަދަކީ ގާނޫނުއަސާސީއާއި، ގާނޫނީ ތަރަހައިގެތެރެއިން ނޫސްވެރިކަންކޮށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި އިސްލާހުތަކާ އެއްގޮތަށް ބިލު ފާސްވެއްޖެނަމަ، ނޫސްވެރިންގެ ހުރިހާ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޮތް ބިލަށް ސަރުކާރުގެ ފަރާތުން ވަނީ 15 އިސްލާހެއް ހުށަހަޅާފައެވެ.
ކޮމިޓީ މަރުހަލާގައި ބިލު އޮތްއިރު، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއްކަން ވެސް އުޝާމް ފާހަގަކުރެއްވިއެވެ.





