މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން އިހުތިޖާޖު ފަށައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު، މަޖިލީހުން ބޭރުކޮށްލުމަށް ނޫސްވެރިން ގޮވައިލަމުން ދަނިކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފައެވެ. ކޮމެޓީން މި ބިލު ފާސްކޮށްފައިވާއިރު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުން އިއްޔެ އިއުލާން ކުރި ނަމަވެސް، މިހާތަނަށް ވެސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އަދި ޖަލްސާގެ ވަގުތު އެ އިދާރާއިން އިއުލާންކޮށްފައެއް ނުވެއެވެ.
މިއަދު ބާއްވާ ޖަލްސާގައި ބިލު ފާސްކޮށްފާނެ ކަމަށް ބަލައި، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މަޖިލިސް ދޮށަށް އެއްވުމަށް ނިންމައި އެމްޖޭއޭ އިން އިއްޔެ ވަނީ އެކަން އިއުލާނުކޮށްފައެވެ.
އެގޮތުން އާންމުކޮށް މަޖިލިސް ފަށާ ގަޑިއަށް ބައެއް ނޫސްވެރިންނާއި އާންމުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އަދި މީޑިއާ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ނޫސްވެރިން ދަނީ ފާޅުކުރަމުންނެވެ.
ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި އާންމުން ވަނީ ކޯޑޮންކޮށްފައިވާ ސަރަހައްދުން ބޭރުކޮށްފައެވެ.
މިހާރު އެ ފަރާތްތަކުން ތިބީ މަޖީދިއްޔާ ސްކޫލުގެ ކުރިމަތީގައެވެ.
ނޫސްވެރިން ބުނާ ގޮތުގައި މީޑިއާ ބިލު އެކުލަވައިލައިފައިވަނީ ނޫސްވެރިންނަށް މިނިވަންކަމާއެކު، އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށެވެ. އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި، ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް ކަމަށް ވަނީ ބުނެފައެވެ.





