މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަމުގެ ބޮޑެތި ކަންބޮޑުވުންތަކާއެކު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ”މީޑިއާ ކޮންޓްރޯލްކުރާ ބިލް“ މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
މި ބިލު ފާސްކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ. އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރި ޕީއެންސީގެ މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. ނަމަވެސް، މި ބިލާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދިޔައިރު، ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުން ނެރެފަ އެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެހެންނަމަވެސް، އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން، މި ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.





