މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް މި ސަރުކާރުން މިދިޔަ މަހު އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރަންޖެހޭ ތިން މެންބަރު ކަމަށް 10 ފަރާތަކުން ކުރިމަތިލައިފި އެވެ. މި ކޮމިޝަނަށް ކުރިމަތިލާން ދެވުނު މުއްދަތު ހަމަވީ އިއްޔެ އެވެ.
ޖުމްލަ 7 މެންބަރުން ހިމެނޭ މި ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާނެ އެވެ. މި ކޮމިޝަނަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 10 ފަރާތުގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފަ އެވެ.
ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކަކީ:
- ގދ. މަޑަވެލި، ސީނަރީ، ފާތިމަތު ފަހުމީ
- ހ. ޓޫ ހާޓަސް، މުހައްމަދު ފަރުސަތު
- ދ. މީދޫ، ބިއްލޫރިގެ، ސަފާ ޝަފީގު
- ގ. ގޮފި، އައިމިނަތު ސަރަހާތު އިއްޒަތު
- ގ. ވިންޑް، އިބްރާހިމް މުހައްމަދު
- މ. ހާވިލާ، މޫސާ ރިލްވާން
- ހ. ސޯސަން، މުހައްމަދު ތޯހާ
- ދަފްތަރު ނަންބަރު، ރ.ސ.8580، ސެހެނާޒު އަދުނާން
- އއ. ތޮއްޑޫ، ފިނިވާގެ، މުހައްމަދު ސާމިން
- ފ. ނިލަންދޫ، ބީޗް ސައިޑް، ޝަފީގާ ނައީމް
މީގެ ތެރެއިން އިބްރާހިމް މުހައްމަދަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމުން އުވުނު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނައިބު ރައީސެވެ. އަދި، މޫސާ ރިލްވާނާއި އައިމިނަތު ސަރަހާތު އިއްޒަތުގެ އިތުރުން ސަފާ ޝަފީގު އަކީ އުވާލި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި އިއުލާނުކުރި ނަންތައް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ކޮމިޓީން މި ފަރާތްތަކާއި އިންޓަވިއުކޮށް މާކްސް ދިނުމަށްފަހު، ކޮމިޝަނަށް އައްޔަންކުރާ މީހުން ނިންމާނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.
އާ ކޮމިޝަނަށް މީޑިއާތަކުން ކުރިމަތިލާން ފުރުސަތު ހުޅުވައިލުމުން ހަތަރު މެންބަރަކު ކުރިމަތިލުމުން ވޯޓަކާ ނުލައި އެ ހަތަރު މީހުން ވަނީ މެންބަރު ކަމަށް އިންތިހާބުވެފަ އެވެ. އެގޮތުން އޮންލައިން ކެޓަގަރީއަށް ހޮވުނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފެވެ. ބްރޯޑްކާސްޓިން ކެޓަގަރީން ހޮވުނީ ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމާއި ގދ. ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދެވެ. މީގެ ތެރެއިން ސަގީފަކީ އުވާލި އެމްއެމްސީގެ ރައީސެވެ. އަދި ޒަމްއަތަކީ ކުރީގެ ބްރޯޑްކޮމްގެ މެންބަރެކެވެ.





