ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ބުނެ، ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ހަވާލުކުރުމުގެ މަސައްކަތް އިދިކޮޅު އެމްޑީޕީގެ މެންބަރުން ފަށާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
މިކަމުގެ ސަބަބުން މަޖިލީހުގެ ތެރޭގައި ހޫނު ބަހުސްތަކެއް އުފެދި، ސިޔާސީ ހަމަނުޖެހުން އިތުރުވެފައިވެއެވެ.
ޑރ. ޝަމްހީދާއި އެމްޑީޕީގެ އެހެން މެންބަރުން ވެސް ތުހުމަތުކުރައްވާ ގޮތުގައި، މިނިސްޓަރުންގެ ޖަވާބުތަކަށް މެންބަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ނުދީ، އެބޭފުޅުން މަޖިލީހަށް ހާޒިރު ނުކުރެއްވުމަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް ރައީސް އަބްދުއްރަހީމް ކުރައްވާ ކަމެކެވެ. މިކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާ އިރު ޓައީ ނާޅުއްވާ ދުވަސްކޮޅެއް ވެސް ވަނީ ދިޔަފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގައި ވެސް ބަޔާންކުރާ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ އެ މާއްދާގެ ބާރު ކަނޑުވާލައިގެން ކަމަށް ޝަމްހީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
”އެއީ އެ މާއްދާގެ ބާރު މަނިކުފާނު ކަނޑުއްވާފައި މި އޮތީ ވަޒީރުން މިތަނަށް ހާޒިރުކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި އެބައޮތް، އަދި މި މަޖިލީހުގައި އަޅުގަނޑުމެން ފާސްކޮށްގެން ތި ވިދާޅުވާ ގަވާއިދުގެ 81ވަނަ މާއްދާގައި 14 ދުވަސްތެރޭގަ ހާޒިރުކުރަން ބުނޭ،“ އޭނާ ވިދާޅުވިއެވެ.
ޝަމްހީދު މިހެން ވިދާޅުވި ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފުވެވަޑައިގެންފައިނުވާނެ ކަމަށާއި، މަޖިލިސް ހިންގަވަނީ މެންބަރުން ފާސްކޮށްފައިވާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 42ވަނަ މާއްދާއާއި 43ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރަން އޭނާ އުޒުރުވެރިވެއްޖެނަމަ، ރިޔާސަތު ވަގުތީގޮތުން ހަވާލުކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއެވެ.
އެފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގެ ނައިބު ރައީސްގެ އަތްމަތީގައެވެ.





