ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި، މިދިޔަ މަހުގެ 15ވަނަ ދުވަހު މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށްޓަކައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން މައިކަކަށް ލިބުނު ގެއްލުމުގެ ބަދަލު، އެ ވަގުތު މައިކުގައި ހިފައިގެން ތިބި ތިން މެންބަރުންގެ އަތުން ނަގަން ނިންމައިފިއެވެ.
މައިކުގެ އަގު ނަގަން ނިންމާފައި ވަނީ ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ.
މި މައްސަލަ ދިމާވީ މިދިޔަ މަހުގެ 15ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތުގައެވެ. ބައްދަލުވުމުގެ ތެރެއިން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މައިކު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް، ހެންވޭރު ދާއިރާގެ މެންބަރު އިމްރާން އެތަނަށް ވަޑައިގެން، މައުރޫފަށް ހުރަސް އަޅުއްވައި މައިކު ދުރަށް ޖައްސަވަން މަސައްކަތް ކުރެއްވިއެވެ. އެ ވަގުތު ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރު ވެސް ވަނީ މައިކު ހިފަހައްޓަވައި، މައުރޫފަށް ވާހަކަ ދައްކަވާނެ ފުރުސަތު ދެއްވަން މަސައްކަތް ކުރައްވާފައެވެ.
މިގޮތަށް ތިން މެންބަރުން ދެކޮޅަށް މައިކު ދަމަމުންދަނިކޮށް، އިމްރާން މައިކު އުފުރާލައްވައި ވައްޓައިލި މަންޒަރު ފެނިފައިވެއެވެ. މި މައްސަލަ މިއަދު އިމްތިޔާޒާއި ސުލޫކު ކޮމިޓީ ބައްދަލުވުމުގައި އެޖެންޑާކޮށް، ވަނީ ބަލާފައެވެ.
މައިކަށް ލިބުނު ގެއްލުން އަނބުރާ ހޯދުމަށް މައިކަށް ހިނގި ޚަރަދު ސާފުކުރުމަށްފަހު، މެންބަރުންގެ އަތުން އަގު ނަގަން ފުރަތަމަ ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. ޝަމީޒްގެ އެ ހުށަހެޅުއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ވަނީ ތާއީދު ކުރައްވާފައެވެ. ކޮމިޓީން ނިންމީ ޝަމީޒް ހުށަހެޅުއްވި ގޮތަށް، އިމްރާނާއި މައުރޫފާއި ސަމީރުގެ އަތުން އަގު ނެގުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބެލޭނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ދާއިރާގެ ރައްޔިތުން ތިބޭ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މެންބަރު އިމްރާން ވިދާޅުވެފައިވަނީ، މައިކު އޭނާގެ އަތަށް އައީ ”މުލައްދަނޑީގެ ބާރު ގަދަވުމުން“ ކަމަށާއި، މައިކުގެ ޚަރަދު ހަމަޖައްސައިދެއްވާނެ ކަމަށެވެ.





