މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާ އެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. މި ޚިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާގެ ޚިޔާނާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޚިޔާނާތެވެ.
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
”އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް ވަނީ ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައި،“ ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ނާޒިމް އޭގެ ތަފްސީލެއް މިއަދު ހާމައެއް ނުކުރައްވަ އެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށާއި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.





