ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކުރުން ލާޒިމުކުރާ ގޮތަށް ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހެޅުނު އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވިއެވެ.
ފެނާއި ނަރުދަމާގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުއެވެ.
ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭނެ ކަމަށެވެ.
މި އިސްލާހުގައި ވަނީ ގާނޫނުގެ މި މާއްދާގައިވާ މުއްދަތު، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ބަދަލުކުރުމަށެވެ. މީގެ ސަބަބުން، ކުރިން 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ނިމެންޖެހޭ މުއްދަތު އިތުރު ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެންދާނެއެވެ.





