ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު، މުހިންމު މަސައްކަތްތަކެއް ނިންމަން ޖެހިފައިވާތީ، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން މިއަދު ފާސްކޮށްފި އެވެ. މިކަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ފަހުގަ އެވެ.
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ގޮތުން މަޖިލީހުގެ ދައުރު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން އަބްދުއްރަހީމް ހުށަހެޅުއްވި އެވެ.
މި ހުށަހެޅުމަށް ވޯޓު ދެއްވުމަށް ފަހު، ދައުރު އިތުރުކުރަން ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ. މިއާއެކު ދައުރު އިތުރުކުރުމަށް ވަނީ ފާސްވެފަ އެވެ.
ދައުރު އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ހުރުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދައުރުގެ ގަވާއިދުގައިވާ މުއްދަތު ހަމަވުމާ ގާތްވެފައި ވާތީ، ބާކީ ހުރި މުހިންމު ކަންތައްތައް ނިންމުމަށް ވަގުތު ބޭނުންވުމުން މިގޮތަށް ދައުރު އިތުރުކުރީ ކަމަށް ވެ އެވެ.





