ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންގެ ދިފާއުގައި އެތައް ހާސް ބަޔަކު ނިކުމެ، ގައުމީ ބޮޑު އެއްވުމެއް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ. ”ގައުމީ ބޮޑު ހަރަކާތް“ ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން މާފަންނު ސްޓޭޑިއަމްގައި ބޭއްވި މި އެއްވުމުގައި އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޑު އުފުލާފައެވެ.
މި ގައުމީ ހަރަކާތުގައި ސަރުކާރުގެ އިސް ބައެއް ވެރިންނާއި، ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން، ވަރަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންވެސް މި އެއްވުމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުން ފަލަސްތީނު ހިސާރު ކުރުން ނައްތާލުމަށް އަޑު އުފުލައި، މިކަމަށް ސަރުކާރުތަކަށް ބާރު އެޅުމެވެ. އެއްވުމުގައި ވާހަކަ ދެއްކި ފަރާތްތަކުން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް މިހާރުން މިހާރަށް ނައްތާލާ، އެހީ މިހާރުން މިހާރަށް ޣައްޒާއަށް ވެއްދުމަށްވެސް ވަނީ ގޮވާލާފައެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، މިއީ ފަލަސްތީނަށްޓަކައި އަދި ޣައްޒާއަށްޓަކައި ބާއްވާ އެއްވުމެއް ކަމަށާއި، ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
މާލޭގައި މި ބޮޑު އެއްވުން ބާއްވާފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް މިއަދު ފަލަސްތީނަށް ތާއީދުކޮށް އެއްވުންތައް ބާއްވާފައިވެއެވެ. މި އެއްވުން ނިންމާލާފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސަލާމަތަށް އެދި ކުރި ޚާއްސަ ދުޢާއަކުންނެވެ.





