ޤައުމެއްގެ އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ ޤައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ބީއެމްއެލް އިން ކުރިއަށްގެންދާ ”އެފޯޑަބަލް ހައުސިން“ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ވަނީ ބޯހިޔާވަހިކަމާއި ބޭންކިން ނިޒާމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޝަރީފް ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުން އެ ޤައުމެއްގެ ބޭންކިން ނިޒާމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށާއި، ބޭންކެއްގެ މަސްއޫލިއްޔަތަކީ ހަމައެކަނި މާލީ ފައިދާ ހޯދުން ނޫން ކަމަށެވެ. ”އަޅުގަނޑު ދެކޭ ގޮތުގައި ބޭންކުގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ޤައުމީ ބޭންކުގެ އެންމެ މުހިންމު ދައުރެއް،“ އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ބޭންކުގެ މި މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް މި މަޝްރޫޢުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށާއި، ކަސްޓަމަރުންނަށް ލިބޭ ކޮންމެ ތަނަވަސްކަމަކީ ބޭންކަށްވެސް ލިބޭ މަންފާއެއް ކަމަށެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބި، އިޖުތިމާޢީ އެތައް މައްސަލައަކަށް ހައްލު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ގަބޫލުކުރެއެވެ. ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު، ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެކެވެ.
ބީއެމްއެލްގެ ”އެފޯޑަބަލް ހައުސިން“ މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ޖުމްލަ 3,260 އެޕާޓްމެންޓް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރެއިން އެފް.ޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 182 އެޕާޓްމެންޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.





