ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ. ތުލުސްދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އަޙްމަދު އަނީސް (ކެންޑިޑޭޓް ނަންބަރު 1) އާއި، ކައުންސިލް މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ޛުލްފިކުލި ޢަލީ (ޖިލެޓް) (ކެންޑިޑޭޓް ނަންބަރު 10) ތުލުސްދޫގެ މުސްތަޤުބަލަށްޓަކައި އުންމީދީ މެނިފެސްޓޯއެއް އިޢުލާނުކޮށްފިއެވެ.
”ފާގަތި ތުލުސްދޫ“ ގެ ނަމުގައި އެކުލަވާލާފައިވާ މި ތަޞައްވުރުގެ އެންމެ މުހިންމު އެއް ތަނބަކީ ތަޢުލީމީ ދާއިރާ ކުރިއެރުވުމެވެ. އެގޮތުން، ރަށުގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމާއި، ރަށުގެ ޕްރީސްކޫލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ އުމްރާނީ ތަރައްޤީ ފޯރުކޮށްދީ، ތަޢުލީމީ އިތުރު ހަރުފަތްތަކަށް ވާސިލްވުމުގެ މަގު ދަރިވަރުންނަށް ފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ތުލުސްދޫއަކީ ހާފިޒުން އުފައްދާ ރަށަކަށް ހެދުމަށާއި، ޤައުމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ވާދަކުރެވޭނެ ފަދަ ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ދީނީ އިލްމުވެރިންނާ ގުޅިގެން ދާއިމީކޮށް ދީނީ ޕްރޮގްރާމްތައް ހިންގުމާއި، ކޮންމެ އަހަރަކުވެސް ޒަމާނީ ފެންވަރުގެ ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިޤްތިސާދީ ދާއިރާއަށް ބަލާއިރު، ބިމުކުލި ރައްޔިތުންނަށް އަތްފޯރާ ފަށަށް ގެނައުމާއި، ޒަމާނީ ދަނޑުވެރިކަން ތައާރަފްކުރުމަކީ މުހިންމު އިސްކަމެއް ދެވިފައިވާ ކަންކަމެވެ. ޒުވާނުންނަށް ޓޫރިޒަމްގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ވިޔަފާރީގެ ދާއިރާގައި ނަންވިދާ ކުންފުންޏަކަށް ހެދުމަށް ވަނީ ރޭވިފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތުލުސްދޫ ޕްރޮމޯޓްކޮށް، ރަށުގެ އިޤްތިސާދު ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.
އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްޤީކޮށް، އެ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކަރަންޓު ވިއުގަ ހަރުދަނާކުރުމާއި، މުޅި ރަށުގެ މަގުބައްތިތަކުގެ ޚިދުމަތް ފުޅާކޮށް، ރޭގަނޑު ވަގުތުތަކުގައި މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ.
ތިމާވެށީގެ ދާއިރާއިން، ތުލުސްދޫއަކީ ސާފުތާހިރު ރަށަކަށް ހެދުމަށްޓަކައި ޒަމާނީ ރީސައިކްލިންގް ސިސްޓަމްތައް ގާއިމުކުރުމާއި، ކުނި މެނޭޖުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. އަދި ރަށުގެ އަތިރިމަތި ސާފުކޮށް ބެލެހެއްޓުމާއި، އާއިލީ ޕާކުތަކާއި ފިނި މައިޒާންތައް ގާއިމްކުރުމުގެ އިތުރުން، ފާހަގަކޮށްލެވޭ ފަދަ ފޮޓޯ ސްޕޮޓްތައް ރަށުގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރުމަށް ވަނީ ހުށަހަޅާފައެވެ.
އުމްރާނީ ތަރައްޤީގެ ތެރެއިން، މަގުތަކުގެ ހާލަތު ރަނގަޅުކުރުމާއި، ބަނދަރުގައި އުޅަނދުފަހަރު އަޅާނެ ފައްތިޔާ ގާއިމްކޮށް، މުދާ އުފުލުމުގައި ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުން ހިމެނެއެވެ. ކުއްލި ހާލަތްތަކަށް އިޖާބަދޭނެ ’ޑިޒާސްޓަރ ރެސްޕޯންސް ޓީމެއް‘ އެކުލަވާލުމަކީވެސް މި ތަޞައްވުރުގެ މުހިންމު ބައެކެވެ.
ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އިންޑޯ ޖިމެއް ގާއިމްކުރުމާއި، ސިއްހީ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުން ވަނީ ހިމަނާފައެވެ. އަދި ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ރަށު ފެންވަރުގައި ތަފާތު ކުޅިވަރު މުބާރާތްތައް އިންތިޒާމްކުރުމަށް އަނީސް އާއި ޖިލެޓް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
މި ދެ ކެންޑިޑޭޓުންނަކީ ރަށުގެ ތަރައްޤީގައި ތަޖުރިބާކާރު، ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ. އަޙްމަދު އަނީސް އަކީ މީގެ ކުރިން ތުލުސްދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ އަދި މިވަގުތު އަތޮޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޖިލެޓް އަކީ ވެސް މީގެ ކުރިން ކައުންސިލް މެންބަރެއްގެ ގޮތުގައި ރަށަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަނީސް އާއި ޖިލެޓް ހާމަކުރެއްވި ގޮތުގައި، މި ހުރިހާ ކަމެއްގެ ބޭނުމަކީ ތުލުސްދޫއަކީ ހުރިހާ ގޮތަކުން ފާގަތި، ތަރައްޤީވެފައިވާ އަދި ރައްޔިތުންނަށް އުފާވެރި މާހައުލަކަށް ހެދުމެވެ.





