އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ވޯޓު ފޮށިތަކާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އަތޮޅުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ އޮޕަރޭޝަން މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ. މި ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދަނީ ދިވެހި ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ.
ތަކެތި ފޮނުވުމުގައި ވައިގެ މަގާއި ކަނޑުގެ މަގު ބޭނުންކުރަމުންދާއިރު، މިއަދު ވައިގެ މަގުން ތަކެތި ފޮނުވަނީ ހއ، ރ، ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށެވެ. ކަނޑުމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ.
އީސީން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި، މާލެ އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހުއެވެ.
މި އިންތިޚާބަކީ ރަށްރަށުގެ ތަރައްޤީއާއި އިދާރީ ހިންގުމަށް މުހިންމު އިންތިޚާބަކަށް ވާއިރު، އިންތިޚާބަށް ބޭނުންވާ އެންމެހާ ތަކެތި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ވަރަށް ބާރުސްޕީޑެއްގައި ކުރަމުންނެވެ.





