ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމާ ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށްފަހު، އެކި ސަބަބުތަކާ ހުރެ ދަތުރުނުކުރެވުމުގެ މައްސަލަތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ މައްސަލަތަކަށް ދާއިމީ އަދި އަދުލުވެރި ޙައްލެއް ގެނެވޭނީ އެކަމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލައިގެން ކަމަށެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، އަލަށް އެކުލަވާލާ ޤާނޫނުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ވަރަށް ސާފުކޮށް ބަޔާންކުރެވިފައި އޮންނަންޖެހެއެވެ. އަދި ޚިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކާއި އިހުމާލުތަކަށް އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް މި ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމެނޭނެއެވެ.
”މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ،“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އެހެން ޤައުމުތަކުގައިވެސް މި ޚިދުމަތް ތަރުތީބުކޮށް ދެމުން އަންނަނީ ވަރުގަދަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ. ރާއްޖޭގައި މިހާތަނަށް މި ޚިދުމަތް ދެމުން އައީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ ދަށުން ކަމަށްވިޔަސް، ޤާނޫނެއް އައުމުން ޒިންމާދާރުކަން އިތުރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކާއި މިއަހަރުގެ ތެރޭގައިވެސް، އަމިއްލަ ބައެއް ކުންފުނިތަކުން ޢުމްރާވެރިންގެ ފައިސާއަށް އިހުމާލުވެ، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކަކުން ޢުމްރާގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާއިރު، މި އައު ޤާނޫނާއެކު މި ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.





