ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު އިންވެސްޓްކޮށްގެން، 25 އިންސައްތައާ ހަމައަށް ދިވެހި ރުފިޔާއިން ފައިދާ ހޯދޭނެ އައު ފުރުސަތެއް އެ ބޭންކުން މިއަދު އިޢުލާނުކޮށްފިއެވެ.
ބީއެމްއެލްއިން ބޭއްވި ’ޗެޓް ވިތު ސީއީއޯ‘ ސެޝަންގައި ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރައްވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި އިންވެސްޓްމަންޓްގެ މުޢާމަލާތްތައް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ވަރަށް ފަސޭހައިން ފުރިހަމަކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމަންޓް ޕޫލްތައް ހުޅުވާލެވޭނެ ކަމަށާއި، ކަސްޓަމަރުންނަށް އެ ވަގުތަކު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށް ބޭންކުން ބުނެއެވެ.
މި ޚިދުމަތުގެ ދަށުން ޑޮލަރު އިންވެސްޓް ކުރުމާއެކު، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށްވެސް ބޭންކުން މަޢުލޫމާތުދެއެވެ.
ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ވަނީ 3.7 ގުނަ އިތުރުވެފައެވެ. މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާއިރު، ކޮންމެ މަހަކު ގާތްގަނޑަކަށް ތިންލައްކައެއްހާ މީހުން ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ މުޢާމަލާތްތައް ކުރެއެވެ. މިކަމުގެ މުހިންމު ސަބަބަކީ ދިވެހިން އޮންލައިންކޮށް މުދާ ގަތުމަށް ލޯބިކުރުމާއި، ޑިޖިޓަލް އިޖާދުތައް ބަލައިގަންނަ މިންވަރު އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ވޭތުވެދިޔަ 36 މަސްދުވަހު ބޭންކުން 1.6 ބިލިއަން ޑޮލަރު ޢާންމުންގެ ބޭނުންތަކަށް ވިއްކާފައިވޭ. މީގެ ތެރެއިން 60 އިންސައްތައަކީ ކާޑު މުޢާމަލާތްތައް. މި މިންވަރަށް ދެމެހެއްޓެނިވި ގޮތެއްގައި ޑޮލަރު ވިއްކުމަކީ ބޭންކަށް އޮތް ގޮންޖެހުމެއް،“ ޝަރީފް ވިދާޅުވިއެވެ.
މި އައު އިންވެސްޓްމަންޓް ފުރުސަތުގެ ބޭނުމަކީ ބޭންކަށް ޑޮލަރު ހޯދައި، އެ ޑޮލަރު ބޭނުންކޮށްގެން ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާޑު ޕޭމަންޓްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ. މިއީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށާއި، ބޭންކުގެ ކާޑު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށްވެސް މަންފާކުރާނެ ދެމެހެއްޓެނިވި ނިޒާމެއް ކަމަށް ޝަރީފް ސިފަކުރެއްވިއެވެ.
ބީއެމްއެލްއަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ވިއްކަންޖެހުމުގެ ސަބަބުން މިހާރު ކާޑުތަކަށް ލިމިޓުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، މި މަސް ނިމުމުގެ ކުރިން އެ ލިމިޓުތަކަށް ލުއި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.





