ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހާ ގުޅިގެން، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކުރާ ޝަރަފުގެ ހިނގާލުން، މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ކުރިއަށްދާނެއެވެ. މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށީގެ ކުރިމަތިންނެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، ޝަރަފުގެ މި ހިނގާލުމުގައި ޖުމްލަ ހަތަރު ތަނެއްގައި ލަޝްކަރު ހުއްޓައި، މިލިޓަރީ ބޭންޑުން ޚާއްޞަ ރާގުތައް ކުޅޭނެކަމަށެވެ. މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ޤައުމީ ދުވަހުގެ މަގުމަތީ ހިނގާލުން ހުއްޓާ ސަރަޙައްދުތައް ތިރީގައި މިވަނީއެވެ:
- ސޯސަންމަގު، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
- މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި
- މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި
- ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފަޚުރުވެރި ތާރީޚެއްގެ ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރި ނަޞްރާއި، އެ ނަޞްރު ހޯއްދަވައިދެއްވުމަށް ޖިހާދުކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ. ޤައުމީ ދިފާޢީ ބާރުން ބާއްވާ މި ޝަރަފުގެ ހިނގާލުމަކީ، މި ފަޚުރުވެރި ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން މުހިންމު އެއް ހަރަކާތެވެ.
ދިވެހި ރައްޔިތުންނަށް މި ހިނގާލުން ބަލާލުމަށް ދަޢުވަތު އެރުވުމުގެ އިތުރުން، އެމް.އެން.ޑީ.އެފް އިން ވަނީ މި ހިނގާލުން ކުރިއަށްދާ މަގުތަކުން ދަތުރުކުރާ ފަރާތްތަކުން އެހީތެރިކަން ދިނުމަށް އެދިފައެވެ.





