ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޚާއްސަ ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ހިމެނެއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކޮށް، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއެވެ.
މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ”އީއެންވީ ޕީއޯއެސް“ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ޚާއްސަ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ ”ޕާލޭ މޯލްޑިވްސް“ އަދި ”މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް“ (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޝަރަފުވެރި ދުނިޔޭގެ ރެކޯޑު ކާމިޔާބުކުރެވުމުން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް އެ ބޭންކުން އަބަދުވެސް ދެމުންގެންދާ ޚާއްސަ އަހުމިއްޔަތުކަމެވެ.





