މިދިޔަ އަހަރަށް ވުރެ އިތުރަށް، މި އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކޭނެ ކަމަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދެއްވަމުން މުޙައްމަދު ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް ކާޑުތަކަށް ޖުމުލަ 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އަދި އެއީ މިހާތަނަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ކާޑުތަކަށް ޑޮލަރު ވިއްކުނު އަހަރު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހިނގާ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެކަނިވެސް 304 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިހާރުގެ އެވަރެޖަށް ބަލާއިރު ވެސް، އަޅުގަނޑުމެނަށް އިތުރަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު [ކާޑުތަކަށް] ވިއްކިގެންދާނެ މި އަހަރު ތެރޭގައި،“ ސައީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރި ކަސްޓަމަރުންގެ އަދަދު އިތުރުވެ، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ވެސް ފުޅާވަމުން އަންނަ ކަމަށެވެ. އެގޮތުން މަހެއްގެ ތެރޭގައި ބީއެމްއެލްގެ 270،000 ކަސްޓަމަރުން އޮންލައިން ޓްރާންސެކްޝަންތައް ހަދަމުންދާއިރު، އެ އަދަދާ ގާތަށް ވެސް ރާއްޖޭގެ އެހެން އެއްވެސް ބޭންކަކަށް ސަޕޯޓު ނުދެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިންގެ މެދުގައި މަގުބޫލު އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ސައިޓްތަކަށް އެކަނިވެސް ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގަމުންދާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބީއެމްއެލްގެ ކާޑުތަކުގެ އީ-ކޮމާސް ލިމިޓް ކޮންމެ ދުވަހަކު ވެސް ރިސެޓްވަނީ ހެނދުނު 7:00 ގައެވެ.
ބީއެމްއެލްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން އެހެނިހެން ކާޑު މުއާމަލާތްތަކަށް އެވްރެޖްކޮށް މަހަކު 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކުރެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ދޫކުރެއެވެ.
މީގެއިތުރުން، ބޭންކުން ވަކިން ޚާއްސަކޮށް ސިއްހީ ފަރުވާއާއި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ ކޮންމެ ހާލަތެއްގައި ވެސް މިފަދަ ޒަރޫރީ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ކަށަވަރުކުރުން ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފައެވެ.





