ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ފެށިތާ 24 ދުވަސް ވެގެންދިޔައިރު، މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
އެފްޑީސީން ބުނެފައިވަނީ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައިވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ޖުމްލަ 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރައްވައެވެ.
އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ. ޚިދުމަތް އަވަސްކުރުމަށްޓަކައި އެސަރަޙައްދުގައި ވަނީ 10 ވަރަކަށް ކައުންޓަރު ޤާއިމުކުރެވިފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށްޓަކައި މިހާތަނަށް ވަނީ 3402 މީހުންގެ ނަން އެފްޑީސީއަށް ފޮނުވާފައެވެ. އެފްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކޮށްގެން ދިއުމަށް ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށްވެސް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ތިން ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ ޤާއިމުކޮށްފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމާފައިވެއެވެ. އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ.
ދެ ކޮޓަރީގެ ފްލެޓު ދިނުމަށް އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.





