ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން ރާއްޖެއަށް ގޮވައިލައިފިއެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މިކަމަށް ގޮވައިލީ، ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސަރުކާރުގެ ސްޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކޮށްފައި ވަނިކޮށެވެ.
މި ބިލު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސެވެ. ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެހިއިރު، ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީ މެންބަރުން ވަނީ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މި ބިލު ފާސްކުރި ފަހުން އެމެރިކާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޫސްވެރިން ހިމެނޭ ގޮތަށް، ހުރިހާ އެންމެންނަށް ވެސް އަސާސީ މިނިވަންކަމެއްގެ ގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ.
އެހެންކަމުން ތަފާތު ޚިޔާލުތަކާއި، އިދިކޮޅު ޕާޓީތަކުގެ އަޑު އިއްވުމަށް ފުރުސަތުދީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް ރާއްޖެއާއި ހުރިހާ ގައުމަކަށް އެމެރިކާ އެމްބަސީން ވަނީ ގޮވައިލައިފައެވެ.





