ފަލަސްތީނުގެ ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ގޮވާލެއްވި ނަމަވެސް، ޣައްޒާގެ އެކި ހިސާބުތަކަށް އަދިވެސް ބޮން އަޅަމުން އަންނަ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.
ސުލްހައިގެ މަޝްވަރާތަކަށް ހަމާސްއިން އެއްބަސްވެފައި ވަނިކޮށްވެސް އިސްރާއީލުން ހަމަލާތައް ހުއްޓާލާފައި ނުވާތީ، މުޅި ސަރަހައްދުގައި އޮތް ހަމަނުޖެހުން އިތުރަށް ބޮޑުވެފައިވާކަން މިކަމުން ހާމަވެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ ހަނގުރާމަވެރިން ވަނީ، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅުއްވި ޕްލޭންގެ ބައެއް ކަންކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، ހަމާސްއިން އެއްބަސްވެފައި ވަނިކޮށް އިސްރާއީލުން ވަނީ މިއަދު ހެނދުނުން ފެށިގެން ޣައްޒާއަށް ވައިގެ މަގުންނާއި ބިމުގެ މަގުން ހަމަލާދީ 20 މީހުން ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލްގެ ހަމަލާތަކުގައި 66 މީހުން ޝަހީދުވެފައިވާ ކަމަށްވެއެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ޓްރަމްޕް ހުށަހެޅުއްވި ޣައްޒާ ސުލްހައިގެ ހުށަހެޅުމުގައި ހަނގުރާމަ ހުއްޓާލުމާއި، 72 ގަޑިއިރު ތެރޭގައި ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމާއި، ހަމާސް ހަތިޔާރު ބެހެއްޓުމާއި، ފިޔަވަހިތަކަކަށް ބަހާލައިގެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުން ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ހުށަހެޅުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕްގެ މި ހުށަހެޅުމަކީ ޣައްޒާގެ ހަމަނުޖެހުން ހައްލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، އިސްރާއީލުގެ ފަރާތުން ހަމަލާތައް ހުއްޓާނުލުމަކީ، ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅި، ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.





