ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނީ ވަރުގަދަ ”ޒަލްޒަލާއެއް“ އައިސްގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މި ދުވަސްވަރަކީ ހުރިހާ އެންމެންގެ މާލީ ބަޔާންތައް ހާމަކުރުމުގެ އޮއި އެނބުރޭ ދުވަސްކޮޅެއް ކަމަށާއި، އެގޮތުން ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާންތައް ވެސް ހާމަކުރުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއީ ފަނޑިޔާރުންގެ ތެރެއަށް އަތް ބާނައިގެން ކަންކަން ކުރި މީހުން ފެންނާނެ ކަމަށާއި، ޖުޑިޝަރީ އަކީ ތިން ބާރުގެ ތެރެއިން އެންމެ ވަރުގަދަ ބާރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ޖުޑިޝަރީއެއް ނުލިބޭނަމަ، ކިތަންމެ ވަރަކަށް ފޮރިން އިންވެސްޓްމެންޓް ގާނޫނަށް އިސްލާހު ގެނަޔަސް އެކަމެއް ނުހިނގާނެ ކަމަށާއި އެއީ ވާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހެދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދާދިފަހުން ގޮވާލާފައިވާއިރު، ރައީސް ޔާމީން ވަނީ ނޫސްވެރިންނަކީ ދައުލަތުގެ މުސާރަވެރިން ނޫން ކަމަށާއި، ރައްޔިތުން ގޮވާލަނީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ނޫސްވެރިންނަކީ މާލީ ބަޔާން ހުށަނާޅާ މީހުންގެ ވާހަކަދައްކަން ތިބޭ މީހުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް މާލީ ބަޔާން ހުށަނާޅުއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހެޅުމުން އެކަން ބަލަންޖެހޭ އުސޫލެއް ނޯންނަ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މިއީ ކީއްކުރަން ހުށަހަޅާ މާލީ ބަޔާނެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
”ވާ ގޮތަކީ މިހެން ތިބޭ މީހުންނަށް ކާންދީ ބޮޑުކުރަން ބޭނުންވަނީ ހަމަ އެއް ބަޔަކު. އެއީ ދިވެހިރާއްޖޭގައި މިހާރު ދެން ވަރަށް ވަރުގަދަ ޒަލްޒަލާއެއް އައިސްގެން ނޫނީއްޔާ މިއުޅޭ ކޮރަޕްޝަނެއް ނައްތައެއް ނުލެވޭނެ،“ ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު، ކޮރަޕްޝަންގެ މައްސަލަ ހައްލު ކުރަން މަޖިލީހަށް ހަ ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.





