ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. ނަމަވެސް، ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށެވެ.
މިފަހަރުގެ އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކެނޑިޑޭޓުން ފޯމު ހުށަހެޅުމާއި އިދާރީ ފީ ދެއްކުން ފަދަ ހުރިހާ ކަމެއް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވުމެވެ. އެގޮތުން، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅޭނެ ކަމަށާއި، ކޮމިޝަނުގެ ނިންމުންތައްވެސް އަންގާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ. އިންތިޚާބީ ދާއިރާތަކުގެ ތަފްސީލަށް ބަލާއިރު، ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ.
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި، މާލެ ސަރަޙައްދުގައި 240 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ޤައުމެއް ކަމަށްވާ މެލޭޝިއާ އަދި ސްރީލަންކާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި އިންތިޚާބަކީ އިދާރީ ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒް ކުރެވިގެން، އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބޭނެހެން އިންތިޒާމު ކުރެވިފައިވާ އިންތިޚާބެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.





