ދޮރުވެރިޔާ ސްކީމުގެ ދަށުން އެޅި 4,000 ފްލެޓުގެ ތެރެއިން ފުރަތަމަ ދޫކުރާ ފްލެޓުތައް ދިނުމަށް މިހާރު 1,000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ބުނީ މިހާތަނަށް 1,000އަށް ވުރެ ގިނަ މީހުންނާ އެކު ސޮއިކުރެވުމަކީ ހާސިލްކުރެވުނު މުހިންމު ކަމެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތަކީ، ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ފޮނުވުމުންނެވެ. އެއަށްފަހު އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ. އެފްޑީސީން ބުނީ ފްލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.
އެފްޑީސީން އިތުރަށް ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި، އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިގޮތަށް ފްލެޓްތައް ހަވާލުކުރުމުގެ މަޤްސަދަކީ، ރައްޔިތުންނަށް އަރާމުގައި ދިރިއުޅެވޭނެ އަމާން މާހައުލެއް ޤާއިމުކުރުން ކަމަށްވެސް އެފްޑީސީން ހާމަކުރިއެވެ.





