ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގައި ހިމެނޭ ލީޑަރުންގެ ތެރެއިން އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ”ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީ“ އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ބާނި ޖަމިއްޔާއިން މިއަދު އާންމުކުރި މި ސާވޭގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ސިޔާސީ ހަ ލީޑަރަކު 10 އިން ރޭންކްކުރިއިރު، އެންމެ މަތީ ރޭޓިންއެއް ލިބިވަޑައިގަތީ ރައީސް ޔާމީނަށެވެ. އެ މަނިކުފާނަށް 5.6 ގެ ރޭޓިންއެއް ލިބިވަޑައިގެންފައިވާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 5.3 ގެ ރޭޓިންއެކެވެ.
މި ޕޯލްގައި ހިމެނުނު އެހެން ބޭފުޅުންގެ ރޭޓިންތަކަށް ބަލާއިރު:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު: 4.9
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް: 4.5
- އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: 2.3
- އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: 2.1
މިދިޔަ ނޮވެންބަރު 23 އިން ފެށިގެން މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ސާވޭގައި 391 މީހަކު ބައިވެރިވެފައިވެއެވެ. ބާނި ޖަމިއްޔާއިން ބުނި ގޮތުގައި، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާއަށް ބަލާއިރު ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 274،000 ކަމަށްވާތީ، 384 މީހުންގެ ޖަވާބުން 95 އިންސައްތަ ޔަގީންކަން އޮތް ނަތީޖާއެއް ނެރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ބާނި ޖަމިއްޔާއިން ނެގި ”އެޕްރޫވަލް ރޭޓިން“ ސާވޭއެއްގައި ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް 62 އިންސައްތަ މީހުން ތާއީދުކުރާ ކަމަށް ދައްކާފައިވެއެވެ.
ރައީސް ޔާމީނަކީ މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ބޮޑު ތާއީދެއް ދެއްވި ބޭފުޅެއް ނަމަވެސް، ސަރުކާރަށް ހަފުތާއެއް ނުވަނީސް އެ މަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ.
މިހާރު ރައީސް ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ޓައުންހޯލް ޖަލްސާތައް ބާއްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެ އިތުރުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ޔާމީން ވަނީ ފާޅުކުރައްވާފައެވެ.




